ލަފާދޭ ބޯޑުތަކާއިބެހޭ އުސޫލް
ތައާރަފް
- ލަފާދޭ ބޯޑު ތަކަކީ ފުވައްމުލައް ސިޓީ ކައުންސިލް ހިންގުމާއި ސިޓީގެ ކަންކަމާއި ގުޅޭގޮތުން ހިލޭސާބަހަށް ކައުންސިލަށް ލަފާ ދޭން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލެވޭ ބޯޑުތަކެކެވެ.
ބޯޑުތައް އުފެއްދުން
- ލަފާދޭ ބޯޑުތައް އުފައްދާ ބޯޑުގައި ހިމެނޭ މެންބަރުންގެ އަދަދާއި އެކުލެވިގެންވާގޮތް ނިންމާނީ ކައުންސިލްގެ ލަފާ އާއި އެކު މޭޔަރ އެވެ.
ޒިންމާތައް
- ބޯޑުގެ މެންޑޭޓާއި ގުޅޭ ދާއިރާތަކުން ކައުންސިލުން ބޭނުންވާ ކަންކަމުގައި ލަފާދިނުން އަދި ބޯޑަށް ފެންނަ ކަންކަމުގައި އިސްވެ ލަފާ ދިނުން
- ކައުންސިލްގެ އެދުމަށް ބޯޑުގެ މެންޑޭޓާއި ގުޅުންހުރި މަޝްވަރާ ބައްދަލްވުންތަކުގައި ބައިވެރިވުން
މެމްބަރުން
- ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާނީ މެމްބަރުން ހޯދުމަށް އިއުލާން ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލްކަމަށް ކައުންސިލަށް ފެންނަ ފަރާތްތަކެވެ. އެކަން ނިންމާނީ ކައުންސިލްގެ ލަފާއާއި އެކު މޭޔަރ އެވެ.
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކާއި ތަކާއި ކްލަބްތަކަށްވެސް އެފަރާތްތަކުގެ މަގްސަދާއިގުޅޭ ބޯޑުތަކުގެ ބޯޑު މެމްބަރުންގެ ގޮތުގައި ބައިވެރި ވެވިދާނެއެވެ. ބޯޑުގައި އެފަރާތްތައް ތަމްސީލްކުރާނީ އެފަރާތްތަކުން ކަނޑައަޅާ މީހުންނެވެ.
- ބޯޑެއްގައި ވަކި ދާއިރާއަކަށް ޚާއްސަކޮށް މެމްބަރުކަން ކަނޑައަޅާފައިވާނަމަ އެމެމްބަރަކު ވާނީ އެދާއިރާތަކުން ކަނޑައަޅާފަރާތަކަށެވެ. ނުވަތަ ވޯޓުން ހޮވާ ފަރާތަކަށެވެ.
- ލަފާދޭބޯޑުގެ މެމްބަރުންގެ މުއްދަތަކީ އެމެމްބަރުން އައްޔަންކުރި ކައުންސިލްގެ މުއްދަތެވެ.
- ޢެކަކަށް މެމްބަރުކަމުގައި ހުރެވޭނީ ގިނަވެގެން 4 ބޯޑުގައެވެ.
- ބޯޑު މަސައްކަތުގައި އަމަލީގޮތުން ބައިވެރިނުވާ މެންބަރުން ވަކި ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
- ބޯޑު މެމްބަރަކު އިސްތިއުފާދޭން ބޭނުންވާނަމަ އެކަން ލިޔުމަކުން މޭޔަރ އަށް އަންގަންވާނެއެވެ. އެގޮތަށް އެންގުމުން އިސްތިއުފާ ދިންކަމުގައި ބެލެވޭނެއެވެ.
- ބޯޑު މެމްބަރުކަމަކީ އެއްވެސް ކަހަލަ އުޖޫރައެއް ލިބޭ މަގާމެއް ނޫނެވެ.
މުގައްރިރު އަދި ނައިބު މުގައްރިރު
- ބޯޑުގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރާނީ ކައުންސިލްގެ ލަފާ އާއި އެކު މޭޔަރ އެވެ.
- ބޯޑުގެ ބައްދަލްވުންތައް އިންތިޒާމްކޮށް ރިޔާސަތު ބަލަހައްޓާނީ މުގައްރިރެވެ. މުގައްރިރު ނެތްނަމަ ނައިބު މުގައްރިރެވެ.
- މުގައްރިރުގެ ޒިންމާ އަދާކުރުމުގައި ބޭނުންވާ އެހީތެރިކަން ނާއިބު މުގައްރިރު ފޯރުކޮށްދޭން ވާނެއެވެ.
ބައްދަލުވުންތައް
- ލަފާދޭ ބޯޑުތަކުން ރަސްމީ ލަފާއެއް ދޭނަމަ އެކަން ނިންމާނީ ބޯޑު މެމްބަރުން ބައްދަލްކޮށް މަޝްވަރާކޮށްފައެވެ. މިބައްދަލްވުންތައް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންވެސް ބޭއްވިދާނެއެވެ.
- ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ މުގައްރިރު އެވެ. މުގައްރިރު ނެތްނަމަ ނައިބު މުގައްރިރެވެ.
- ބައްދަލްވުންތަކުގެ ކޯރަމްއަކީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ.
- ބޯޑުގެ މުގައްރިރު ބޭނުންވެއްޖެ ހާލަތެއްގައި ބައްދަލްވުންތައް ބޭއްވިދާނެއެވެ. މަދުވެގެން ތިން މެމްބަރަކު ބޭނުންވެއްޖެނަމަވެސް މަޝްވަރާ ބައްދަލްވުންތައް ބާއްވަން ވާނެއެވެ.
ވޯޓު
- ބައްދަލްވުންތަކުގައި ކަންކަން ނިންމާނީ ވޯޓުންނެވެ.
- ވޯޓޫ ދޭނީ އަތް އުފުލައިގެންނެވެ.
- ރިޔާސަތައްވެސް ވޯޓުގައި ބައިވެރި ވެވޭނެއެވެ.
- ކަމެއް ފާސްވާނީ ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން ގިނަބަޔަކު ވޯޓުދޭ ގޮތަކަށެވެ.
އެހެނިހެން
- ބޯޑުންދޭ ރަސްމީ ލަފާ ލިޔުމުން ދެވިދާނެއެވެ. ނުވަތަ ބައްދަލްވުމެއްގައި އަނގަބަހުންވެސް ދެވިދާނެއެވެ.
- ބޯޑުތަކުން ލިބޭ ލަފާތަކަކީ ކައުންސިލުން ކަންކަން ކުރުމުގައި އެއަށްރިއާޔަތް ކުރާނެ ލަފާތަކެކެވެ. އެކަމަކު އެލަފާތަކަށް އަމަލުކުރުމަށް ކައުންސިލްގެ މައްޗަށް ލާޒިމެއް ނޫނެވެ.
- ކޮންމެ އަހަރެއްގެ މާޗްމަސް ނިމުމުގެ ކުރިން ފާއިތުވިއަހަރު ބޯޑުން ކުރި މަސައްކަތްތަކާއިބެހޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މިކަމަކީ ބޯޑުގެ މުގައްރިރުގެ ޒިންމާ އެކެވެ.
